February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / އަދަދު

އަހަރު ނިމެން ފަސް މަސް، ސަބްސިޑީ ބަޖެޓު ހުސްވަނީ

Sudha Latheef
ސުދާ ލަތީފް
Aug 8, 2025, 09:22 PM
މާލެ ސިޓީ

ސަބްސިޑީ ދޭން މި އަހަރަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ އޮތީ 58 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކައިފި އެވެ.

Advertisement

ސަބްސިޑީ ބަޖެޓު ހުސްވާން ގާތްވީ، ސަބްސިޑީ ހަރަދުތައް އިތުރުވުމާ ގުޅިގެނެއް ނޫނެވެ. މި ބަޖެޓު ހުސްވާން ގާތްވީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވުމުންނެވެ.

މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން، އަސާސީ ކާޑުގެ ބާވަތްތަކަށާއި ފެނާއި ކަރަންޓާއި ނަރުދަމާއަށް ސަރުކާރުން ދޭ ސަބްސިޑީ ދެނީ ސަރުކާރު ކުންފުނިތަކަށެވެ. އަހަރުގެ ދެވަނަ ކުއާޓަރުން ފެށުމުން މި ނިޒާމު ބަދަލުކުރުމަށް ސަރުކާރުން އޮތީ ރާވަފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓު ފާސްކުރި ފަހުން އެ ކަމުގެ އިތުރު މައުލޫމާތެއް ނުލިބެ އެވެ. ދެން އިވުނީ އެ ސިޔާސަތު ތަންފީޒު ނުކުރާ ގޮތަށް ސަރުކާރުގެ ޕްލޭންތައް ބަދަލުވެފައިވާ ކަމަށެވެ. މިކަން ސަރުކާރުން ކަށަަވަރު ނުކޮށްދީ އޮއްވާ، ސިޔާސަތު ބަދަލުވީ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިޝާރާތްކުރެއްވީ މެއި 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެެވެ.

އެ ދުވަހު ވެސް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން "ބޭނުންވާ" ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ސަރުކާރުން ބޭނުންވާ ފިޔަވަޅުތަކަކީ ކޮބައި ކަމެއް މިހާތަނަށް ވެސް ސާފު ވެފައެއް ނުވެއެވެ. މި މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ނުކުރެ އެވެ.

ސަބްސިޑީއަށް ބަޖެޓު ކުރި ވަރު ހުސްވާން ގާތްވީ ނަމަވެސް، މިދިޔަ އަހަރަށް ވުރެ ސަބްސިޑީއަށް ކުރި ހަރަދު މި އަހަރު ދަށެވެ. ދެ އަހަރުގެ އަދަދު އަޅާބަލައިއިރު، ސަބްސިޑީ ދިނުމަށް ހަރަދު ކުރި ވަރު ވަނީ 692 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.

ސަބްސިޑީ ނިޒާމު ބަދަލުކުރުމަކީ ސަރުކާރުން ފައްކާކުރި ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހަރަދު ކުޑަކުރަން އަޅަން ބުނި ފިޔަވަޅެކެވެ.

އެކަމަކު އަހަރު ނިމެން ފަސް މަހަށް ވީއިރު، މި ރިފޯމް އެޖެންޑާގެ ފަސް ޕަސެންޓު ވެސް ތަންފީޒު ނުވެ އެވެ. ޕެންޝަން ނިމާޒު ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން އެއްކޮށްހެން ދޫކޮށްލާފައިވާއިރު، އުވާލަން ނޫނީ އެއްކޮށްލަން ބުނި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިއަދާ ހަމައަށް އުވާލި ކުންފުންޏެއް ނޫނީ އެއްކޮށްލި ކުންފުނިތަކެއް ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved