ދައުލަަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކޮށް ޚަރަދު ކުޑަކުރަން ތަންފީޒުކުރަން ކަނޑައަޅާފައިވާ ސިޔާސަތުތައް މި އަހަރު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މެދު ރާސްތާގައި ސަރުކާރުން ހާސިލުކުރަން ކަނޑައަޅާ މާލީ އަމާޒުތައް ބަޔާންކުރާ "މިޑް-ޓާމް ފިސްކަލް ސްޓްރެޓެޖީ- 2024-2026" ރިވީއުކޮށް އެ ސްޓްރެޓެޖީގައި ހިމެނޭ ކަންކަން ހާސިލުވާނެ މިންވަރާ ގުޅޭ ގޮތުން އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުގައެވެ.
އޮޑިޓު އޮފީހުގެ އެ ރިޕޯޓުން ހާމަވާ ގޮތުގައި، އެސްއޯއީ އިސްލާހުކުރުމަށް 4 ކަމެއް ސަރުކާރުން ކުރަންޖެހެއެވެ.
އޭގެ ތެރެއިން ހަކަތަ/ ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތް ދޭ ކުންފުނިތައް ކަމަށްވާ ސްޓެލްކޯއާއި ފެނަކަގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަން ހިމެނެ އެވެ.
އެގޮތުން އެ ކުންފުނިތަކުގެ އޮނިގަނޑާއި މާލީ އަދި ހިންގުމުގެ ނިޒާމު ވަރަށް ރަނގަޅަށް ބަލައި ދިރަސާކޮށް އެ ހޯދުންތަކުގެ މައްޗަށް އިސްލާހީ ޕްލޭނެއް އެކުލަވައިލަަންޖެހޭކަން ފިނޭންސް މިނިސްޓްރީންވެސް ގަބޫލުކުރާކަމަށް އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ މަސައްކަތް ހިނގާ ދުވަސްވަރު މި ކުންފުނިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ހިދުމަތަށް ބުރޫނާރާނެ އަގުތަކުގެ އޮނިގަނޑެއް އެކުލަވައިލންޖެހެއެވެ. ނިމުނު އަހަރުގެ އޮކްޓޯބަރާ ހަމައަށްވެސް އޭޑީބީގެ ކޮންސަލްޓެންޓުންނާއެކު އަގުގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ފިނޭންސްއިން ކުރަމުން އައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިތުރު ކަމެއްގެ ގޮތުގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮ ރަނގަޅު އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑީސަަލުގެ އަގުތައް ހެޖުކޮށްގެން ހެޔޮ އަގެއް ލިބޭނެ ނިޒާމެއް ރޭވުމަށް ވޯލްޑް ބޭންކާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަން ރިޕޯޓުގައި ފާހަގަކުރިއެވެ.
ނަމަވެސް މި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރެވި އެއިން ނަތީޖާއެއް ނެރެވޭނީ އެ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރިއާލައި ހާސިލުކުރަންޖެހޭ ކަންކަން ހާސިލުވެގެންކަން އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ. އަދި އެއިން ގިނަ ކަންކަން ހުރީ ޕްލޭނުކުރުމާއި ވަސީލަތްތައް ހަމަޖެއްސުމުގެ މަރުހަލާގައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ހޭދަވާނެކަން ފާހަގަކޮށް، އޮޑިޓު އޮފީހުން ބުނެފައިވަނީ އެ ފިޔަވަޅުތައް މި އަހަރު ތެރޭ ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
މީގެ އިތުރުން އެސްއޯއީތައް އިސްލާހު ކުރަން އަޅާ ފިޔަވަޅުތައް ލަސްވެއްޖެނަމަ، އެ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ސަލާމަތްވާނެކަމަށް އަންދާޒާކުރާ 1.1 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ކަމަށާއި، އަދި މެދު ރާސްތާގައި ސަލާމަތް ކުރެވޭނެ ކަމަށް ފިސްކަަލް ސްޓްރެޓެޖީގައި ބަޔާންކުރާ 5.9 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.