

މިފަހުން އަމިއްލައަށް އިސްވެ އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާ ދީ ފެށި ހަނގުރާމައިން ލިބުނު ނާކާމިޔާބީގައި އިންޑިއާ ލަދުގަނެ ދުނިޔޭގެ ސަފުން ބާކީ ވެފައިވަނިކޮށް ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އިންޑިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިސްޓަރު ހަލީލްގެ މި ދަތުރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ހަލީލް ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން މާޗު މަހުގެ 16 ވަނަ ދުވަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅު ކުރެއްވީ އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިފަހުން އިންޑިއާއިން ވަނީ ފަލަސްތީނަށް ނުހައްގުން ވެރިވެގެން އުޅޭ އިޒްރާއީލުގެ ހަތިޔާރު ބޭނުންކޮށް ޕާކިސްތާނުގެ ކުށެއްނެތް އެތައް ރައްޔިތުންނަކަށް ހަމަލަދީ ޝަހީދުކޮށްލައިފަ އެވެ. ބަދަލުގައި ޕާކިސްތާނުންވަނީ އިންޑިއާ އަށް ހަމަލަދީ އިންޑިއާ "ސައިޒް" ކޮށްފައި އެވެ.
"އިންޑިއާ އައުޓް" ފޮރިން ޕޮލިސީ ވިއްކައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާ ގުޅުން ވަރަށް ގާތް ކުރަމުން ނެވެ. ރައީސް ސޯލިހު ފަދައިން މުއިއްޒު ސަރުކާރުން ވެސް އިންޑއާއާއެކު ކުރާ މަޝްވަރާތައް ވަނީ "ރައްޔިތުންނަށް ސިއްރު" ކޮށްފަ އެވެ. އަދި ޕާކިސްތާނަށް ގަސްތުގައި އިސްވެ އިންޑިއާ އިން ހަމަލާ ދިން ފަހުން ހަލީލް އަކީ އިންޑިއާ އަށް އޭޝިއާއިން މިފަހުން ދަތުރު ކުރައްވާ ފުރަތަމަ ފޮރިން މިނިސްޓަރެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަވަސްކަމުގެ ތެރޭގައި މިފަހުން ހިނގި އަސްކަރީ ކުރިމަތިލުމުގައި މޮޅުވީ ޕާކިސްތާން ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނާތީ އިންޑިއާ މިފަހުން ވަނީ ނުރުހިފަ އެވެ.
އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. އިންޑިއާގެ ފަސް ޖެޓް ވައްޓާލުމަށްފަހު، ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.
ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނުގެ މައްޗަށް ބިނާކުރި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން "އުބަށް" ޖެހުމުން އެނގެނީ ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ އަގެއް ނެތް ކަމާއި އިންޑިޔާއިން އެޅިހާ ބަތަކަށް ރިހަވެ، ބިރިޔާނީ ތައްޓަކަށް މި ސަރުކާރުގެ ވެރިން ހެއްލިއްޖެ ކަމެވެ.